ދ.ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ އަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ބަނޑިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ބަނޑިދޫގައި މިވަގުތު އޮތް ޖާގައިގެ ދަތިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުރުން ނުރައްކާތެރި ބައެއް މަސައްކަތްތައް، އެހެން ސަރަޙައްދަކަށް ބަދަލުކުރަން ދަތިވެފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ފައިބަރު މަސައްކަތާއި، ކުނި ކޮށި ފަދަ ތަންތަން އެހެން ސަރަޙައްދަކަށް ބަދަލުކުރެވޭނެ ގޮތަށް ވިސްނަވައިގެން އެ ރަށުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭން މުރާޖައާ ކުރެއްވުމަށް ރަށު ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ.
ކައުންސިލުން މި މަސައްކަތް ފުރިހަމަ ކުރެއްވުމާއެކު، އެ ޕްލޭންގައި ކުލަޖައްސައިދެއްވުމަށް ކަންކަން ބައްޓަން ކޮށްދެއްވުމުގެ މަސައްކަތް ފައްޓަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިންހިއްކުމުގެ އިތުރުން، ރަށުގެ މަސްވެރިންނާއި އޮޑިވެރިން އެދޭ ގޮތަށް، އެ ރަށު ބަނދަރުގެ ބޭރު ތޮށި ބަދަލުކޮށްދެއްވައި ޖާގަ އިތުރުކޮށްދިނުމުގެ މަސައްކަތްވެސް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ ބޭކާރު ހަރަދެއް ނޫންކަމަށާއި، ދުރު ރާސްތާއަށް ބަލާއިރުވެސް، އެ މަސައްކަތްވެގެންދާނީ ރަށަށްޓަކައި ކުރެވޭ ބޮޑު ވުނައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މަސްވެރިކަމާއި އެ ނޫންވެސް ރަށުގެ ސިނާއަތްތައް ކުރިއެރުވުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ބަނޑިދޫގެ ސްކޫލާއި ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށާއި، ޒުވާނުންގެ މަރުކަޒުގެ ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ފަދަ، ކުރިން ފެށުމަށްފަހު އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ލަސްވެގެން މަހެއްހާ ދުވަހުގެ ތެރޭގައި އަލުން ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

