ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ދ. މީދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު މީދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މީދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ރައީސްއާއ ހިއްސާ ކުރެއްވިއެވެ.

މިގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށާއި ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދެއްވުމަށާއި، ބަނދަރު ތޮށްޖެހިފައިވާ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި، ބިން ހިއްކުމުގެ ސަބަބުން މޫދަށް އެރޭނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ހުރި ކަންބޮޑުވުންތައް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރަށުގެ ސިއްހީ މަރުކަޒު، ލެވެލް ހަތަރަކަށް މަތިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ޒުވާނުންނަށް ބޭނުންވާކަންކަންވެސް ތަފްސީލީ ގޮތެއްގައި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ.

ހަމައެއާއެކު ކައުންސިލުން ވަނީ އަންނަން އޮތް ޖީލަށްޓަކައި ވޭޕް މަނާކުރުމަށް ސަރުކާރުން ނެންގެވި ފިޔަވަޅުތަކަށް ތައުރީފު ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ ސަރުކާރުން ރަށަށް ގިނަ ކަންކަން ކޮށްދެއްވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރައީސް ވަނީ ރަށުގައި ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައިދެއްވާފައެވެ.

އަދި އެމަނިކުފާނު ވަނީ އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމްގެ ހިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.