”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 37 އިންސައްތަ މީހުންނަށް ފްލެޓް ލިބޭ ކަމަށް ކަނޑައަޅައިފިއެވެ.
ފްލެޓް ލިސްޓު އާއްމު ކުރުމާ ގުޅޭގޮތުން މިއަދު ނޫޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ދޫދެވެން އޮތްހައި ފަރާތްތަކަށް ދޫދީ، ވީހާ ވެސް ގިނަ ބަޔަކަށް ފްލެޓް ލިބޭނެކަން ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
އެގޮތުން 1820 މީހުންނަށް ފްލެޓް ދިނުމަށް ވަނީ ނިންމައިފައެވެ.
މިހާރު ކުރިއަށްދާ 4000 ފްލެޓުގައި ހިމެނޭ ދެ ކޮޓަރީގެ 1250 ފްލެޓަށް ޝަރުތު ހަމަވަނީ، 73 ޕޮއިންޓު ލިބުމުން ކަމަށާއި، އެވަރަށް ޕޮއިންޓު ނުލިބޭ އެއްވެސް ފޯމެއް ޗެކު ކުރެވިފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި 3 ކޮޓަރީގެ ފްލެޓުތަކަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 75 ޕޮއިންޓަށްވުރެ މަދުން ލިބުނު އެއްވެސް ފޯމެއް ބަލާފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
”މާނައަކީ، އަޅުގަނޑުމެން، ލިސްޓަށް އެއްވެސް ފަރާތެއް އިތުރު ކުރުމަށް ފޯމެއް ބަލާފައެއް ނުވާނޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތިން ކޮޓަރީގެ ފްލެޓަށް އެދުނު 3721 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވެ، 75 ޕޮއިންޓަށްވުރެ ގިނައިން ލިބިފައިވަނީ 1423 ފަރާތަކަށް ކަމަށެވެ.
”ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1218 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވެ، 73 އަށްވުރެ މަތިން ޕޮއިންޓް ލިބިފައި 397 ފަރާތަކަށް.“
އެހެންކަމުން، ވެރިފިކޭޝަންގައި ޗެކު ކުރި، 4939 ފޯމުގެ ތެރެއިން، 1820 ފަރާތަކަށް ފްލެޓް ލިބޭނެ ކަމަށް މިނިސޓަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ހުރި ބައެއް މައްސަލަތަކަށް އަލިއަޅުވައިލައްވައި، މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަށެއްގައި ބޮޑުކަންނެލީގެ މަސްވެރިކަން އުޅުނު ފަރާތަކަށް މާލޭގެ ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުންގެންދާ ކަމަށް ބުނެ ލިޔުން ދީފައިވާ ކަމަށެވެ.
އަދި ކައުންސިލުން ލިޔުން ދިނުމުން، އެއް ގެއެއްގެ ފަސް މީހަކު ފްލެޓް ލިސްޓަށް އަރުވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވެރިރަށް މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ކުރުމަށްޓަކައި، އައިޑީ ކާޑުގެ އެއް ފުށް ޕޯޓަލްއަށް ހުށަހެޅި މީހަކު ވެސް، މާލޭގައި 15 އަހަރު އުޅުނު ކަމަށް ބަލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި ދެ އަހަރު ސްކޫލެއްގައި ކިޔެވިކަމުގެ ލީވިން ސެޓްފިކެޓް ހުށަހެޅުމުން، 15 އަހަރު މާލޭގައި އުޅުނު ކަމަށް ބަލައި ފްލެޓް ދިނުމާއި، އެ މުއްދަތުގައި މާލޭގައި އުޅުނުކަން ހާމަ ކުރުމަށް އެއްވެސް ލިޔުމެއް ހުށަނާޅާ ފަރާތްތަށް ވެސް، ފްލެޓް ލިސްޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
އެގޮތުން އެއްވެސް ލިޔުމެއް ހުށަނާޅާ 8 ޕަސެންޓް މީހުންގެ ނަން ލިސްޓަށް އަރުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފްލެޓް ލިސްޓު އާއްމު ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގައި ކަމަށާއި، އެހެންނަމަވެސް 17 އަދި 18 ނޮވެމްބަރު ގައި ވެސް ފްލެޓް ކޮމެޓީގެ ބޭފުޅުން ޕޯޓަލްއަށް ވަދެފައިވާ ކަމަށެވެ.
އަދި ފްލެޓް ލިބުނު ލިސްޓުގައިވާ ހުރިހައި ފަރާތްތަކާއެކު ކަހަލަ ގޮތަކަށް، ދެ ސަފްހާގެ އެއްބަސްވުމެއްގައި، ދެ ދުވަސް ތެރޭގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބުނު ފަރާތްތަކަށް، ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް މާޗު މަހުގައި ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
ދެން ކުރިއަށް ގެންދާނީ 1،500 ފޯމު ވެރިފައިކުރުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ޕޯޓަލްއަށް ޝަކުވާ ހުށަހެޅުމަށް މަސް ދުވަސް ދިނުމަށް ވަނީ ނިންމައިފައެވެ.

