ގއ.ގެމަނަފުށީ އައިސް ޕްލާންޓު މިއަދު ހުޅުވައިފިއެވެ.

މި އައިސް ޕްލާންޓު ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިން ގެމަނަފުށީގައި އަލަށް ގާއިމްކުރި މި އައިސް ޕްލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ބްލޮކް އައިސް އުފެއްދޭނެއެވެ.

އަދި 100 ޓަނުގެ އައިސް ރައްކާކުރެވޭނެއެވެ.

މި އައިސްޕްލާންޓް ހުޅުވައިދެއްވައި، މިނިސްޓަރު ޝިޔާމް ވިދާޅުވީ، ގެމަނަފުށީ އައިސްޕްލާންޓްގެ ސަބަބުން ހުވަދު އަތޮޅުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމުގައެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސ.ހިތަދޫ، ހުޅުމީދޫ އަދި މަރަދޫގައި ގޭދޮށު މަސް ފެކްޓްރީއެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

އަދި ނ.ކެނދިކުޅުދޫއާއި މި.ދިއްގަރުގައި މަސް ޕްރޮސެސިން ފެސިލިޓީ ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ލ.މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.