ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.އަލީ ހައިދަރަށާއި، އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި ފްލެޓް ދޫކޮށްލައްވަން ނިންމަވައިފިއެވެ.
”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް، މި ސަރުކާރުން މިއަދު ވަނީ އާއްމުކޮށްފައެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި މިނިސްޓަރު ހައިދަރުވެސް ހިމެނިވަޑައިގަންނަވައެވެ. އެކަމަށް މީހުންގެ ފާޑު ކިޔުން ވެސް އަމާޒުވިއެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ހައިދަރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ލިބިވަޑައިގެންނެވި ފްލެޓް ދޫކޮށްލުމަށް ނިންމަވާފައިވަނީ އޭނާ އާއި އަނބިކަނބަލުން މަރިޔަމް ތައުފީގަށްވުރެ ބޮޑަށް ފްލެޓު ލިބުން އައުލާކަންބޮޑު މީހުން ލިސްޓްގައި ތިބިކަމަށް ދެކިވަޑައިގަންނަވާތީ ކަމަށެވެ.
ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދުނު މީހުންގެ ލިސްޓުގައިވާ 37 އިންސައްތަ މީހުންނަށް ފްލެޓް ލިބޭ ކަމަށް ކަނޑައަޅައި، ފްލެޓު ލިސްޓު މިއަދު އާއްމު ކުރުމަށްފަހު، ޝަކުވާ ހުށަހަޅަން އެއް މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފްލެޓް ލިސްޓު އާއްމު ކުރުމާ ގުޅޭގޮތުން މިއަދު ނޫޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ދޫދެވެން އޮތްހައި ފަރާތްތަކަށް ދޫދީ، ވީހާ ވެސް ގިނަ ބަޔަކަށް ފްލެޓް ލިބޭނެކަން ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
އެގޮތުން 1820 މީހުންނަށް ފްލެޓް ދިނުމަށް ވަނީ ނިންމައިފައެވެ.
މިހާރު ކުރިއަށްދާ 4000 ފްލެޓުގައި ހިމެނޭ ދެ ކޮޓަރީގެ 1250 ފްލެޓަށް ޝަރުތު ހަމަވަނީ، 73 ޕޮއިންޓު ލިބުމުން ކަމަށާއި، އެވަރަށް ޕޮއިންޓު ނުލިބޭ އެއްވެސް ފޯމެއް ޗެކު ކުރެވިފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި 3 ކޮޓަރީގެ ފްލެޓުތަކަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 75 ޕޮއިންޓަށްވުރެ މަދުން ލިބުނު އެއްވެސް ފޯމެއް ބަލާފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

