”ގެދޮރުވެރިޔާ“ ޕޯޓަލްގައި 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށްޓަކައި ލިޔުން އަޕްލޯޑް ކުރުމަށް ކަނޑައެޅިފައިވާ ބަޔަށް އައިޑީ ކާޑުގެ އެއްފުށުގެ ފޮޓޯ އަޕްލޯޑްކޮށްފައިވާ ފަރާތްތައް ވެސް، ކުރީ ސަރުކާރުން ފްލެޓް ލިސްޓުގައި ހިމަނާފައި ހުރި ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
4000 ފްލެޓު ލިބޭ މީހުންގެ ލިސްޓާ ގުޅޭގޮތުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ހުރި ބައެއް މައްސަލަތަކަށް އަލިއަޅުވައިލައްވައި، މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަށެއްގައި ބޮޑުކަންނެލީގެ މަސްވެރިކަން އުޅުނު ފަރާތަކަށް މާލޭގެ ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުންގެންދާ ކަމަށް ބުނެ ލިޔުން ދީފައިވާ ކަމަށެވެ.
އަދި ކައުންސިލުން ލިޔުން ދިނުމުން، އެއް ގެއެއްގެ ފަސް މީހަކު ފްލެޓް ލިސްޓަށް އަރުވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވެރިރަށް މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ކުރުމަށްޓަކައި، އައިޑީ ކާޑުގެ އެއް ފުށް ޕޯޓަލްއަށް ހުށަހެޅި މީހަކު ވެސް، މާލޭގައި 15 އަހަރު އުޅުނު ކަމަށް ބަލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި ދެ އަހަރު ސްކޫލެއްގައި ކިޔެވިކަމުގެ ލީވިން ސެޓްފިކެޓް ހުށަހެޅުމުން، 15 އަހަރު މާލޭގައި އުޅުނު ކަމަށް ބަލައި ފްލެޓް ދިނުމާއި، އެ މުއްދަތުގައި މާލޭގައި އުޅުނުކަން ހާމަ ކުރުމަށް އެއްވެސް ލިޔުމެއް ހުށަނާޅާ ފަރާތްތަށް ވެސް، ފްލެޓް ލިސްޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
އެގޮތުން އެއްވެސް ލިޔުމެއް ހުށަނާޅާ 8 ޕަސެންޓް މީހުންގެ ނަން ލިސްޓަށް އަރުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފްލެޓް ލިސްޓު އާއްމު ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގައި ކަމަށާއި، އެހެންނަމަވެސް 17 އަދި 18 ނޮވެމްބަރު ގައި ވެސް ފްލެޓް ކޮމެޓީގެ ބޭފުޅުން ޕޯޓަލްއަށް ވަދެފައިވާ ކަމަށެވެ.
އަދި ފްލެޓް ލިބުނު ލިސްޓުގައިވާ ހުރިހައި ފަރާތްތަކާއެކު ކަހަލަ ގޮތަކަށް، ދެ ސަފްހާގެ އެއްބަސްވުމެއްގައި، ދެ ދުވަސް ތެރޭގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެންމެ އިސްކަންދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތާއި އޭސީސީގެ ތަހުގީގަށް ރިޔާއަތްކޮށް 15 ނޮވެމްބަރު 2023ގައި ގެޒެޓުކުރި ލިސްޓު ވެރިފައިކުރުމަށްކަމަށެވެ.
މި ވެރިފިކޭޝަން ކުރިއަށްގެންދިޔައީ 26 ޖޫން 2022ގައި އާންމުކޮށް ގެޒެޓުކުރި ގެދޮރުވެރިޔާ އުސޫލަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާފައިވާ އިރުޝާދުތަކަށް މައިގަނޑުގޮތެއްގައި ބަލައިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

