”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިއްޒުއްދީން ފާލަން މަރާމާތުކޮށް، އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

”އަޅުގަނޑު ހަމަ ޔަޤީންކަމާއެކީ އިރާދަކުރެއްވިއްޔާ ދޭ ޔަޤީންކަމެއް މިއީ، އެންމެ ބޮޑު ޔަޤީންކަމަކީ، މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެ ނުފޫޒެއްވެސް ފޯރުވާފައި، އެއްވެސް ފަރާތަކުން ނުވާނެކަން.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު އާއްމު ކުރީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް ކަމަށެވެ.

”މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ގެދޮރުވެރިކަމުގެ ދާއިރާގެ އެކި ކަންތައްތަކުގެ މަޢުލޫމާތު އެނގެން ފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން އެންމެ ޖޫނިއަރ ލެވެލްއިން ފެށިގެން ސަރުކާރުގެ މި ކަމާބެހޭ ދާއިރާގައި އުޅެން ފެށި ހިސާބުން ބެއްޔަސް، ނުފޫޒެއް ނުފޯރުވައި، ހައުސިންގ، ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު.“ ރައީސް އިތުރަށް ވިދާޅުވިއެވެ.

މިއަދު ލިސްޓު ނުކުތްއިރު، ކުރީ ސަރުކާރުން ނެރުނު ލިސްޓުން ބަޔަކު މަދުވެފައިވާ ކަމަށާއި، އޭގެ ސަބަބުތައް އެ ލިސްޓުގައި އިއުލާނު ކޮންމެ މީހެއްގެ މައުލޫމާތުތެރޭގައި ހިމެނިފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް އަލިއަޅުވައިލައްވަމުން ރައީސް އިތުރަށް ވިދާޅުވީ، ސީދާ މާލޭގައިވެސް ހައުސިން މަޝްރޫއުތަކެއް ހިންގަން ވަނީ ނިންމާފައި ކަމަށެވެ.

އެގޮތުން މާލެއާއި، ވިލިމާލެއާއި ހުޅުމާލެއާއި ގުޅީފަޅުގައި މި އަހަރު ތެރޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށާއި، އެ މަޝްރޫއުތައް ފެށިގެންދާއިރު، މާލެއިން ހައުސިންގ ޔުނިޓް ފޯރުކޮށްދިނުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.