ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ،ވބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި ހަރަކާތްތެރިވަމުން ކަމަށެވެ.
އެއީ އައިޖީއެމްއެޗާއި، ވެސްޓްޕާކާއި، މާފަންނު ފެރީ ޓާމިނަލާއި، ސަލްމާން މިސްކިތް ސަރަހައްދެވެ.
އަދި މީގެއިތުރުން ވެލިބަސްތާ ޖެހުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ޔެލޯ އެލާޓް ވެސް ނެރެފައެވެ.
މިއަދުގެ މޫސުން ކުރިއަަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ބުނީ މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބު ތަކުގައި 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

