ލޯންޗެއް ދިޔަވެ، ކަނޑުވި 44 މީހުންނާއި ހަތަރު ކުޑަކުދިން މިއަދު ސަލާމަތްކޮށްފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, މިއަދު ހެނދުނު 07:57 ހާއިރު ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗް ”ހުވަން“ އަޑިއަށް ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
އެ ދޯނީގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ވަގުތުން ފޮނުވައި، ދޯނީގައި ތިބި އެންމެން ރައްކާތެރިކަމާ އެކު ސަލާމަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ.
ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އެހެންވެ، ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

