ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ސަލަފު ޖަމިއްޔާ ގުޅިގެން، ރަމަޟާން މަހުގައި ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އެކަމަށްޓަކައި އެޗްޑީސީއާއި ސަލަފު ޖަމިއްޔާއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން، ރޯދަ މަހުގައި ފޯރުކޮށްދޭ އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް އެޗްޑީސީން ވަނީ ސަލަފު ޖަމިއްޔާއަށް ބޭނުންވާ ވޯކިންގ ސްޕޭސް ހަމަޖައްސައިދީފައެވެ.
އެގޮތުން، ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓްލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް އެ ޕްރޮގުރާމުގެ ދަށުން އިފްތާރު ޕެކް ފޯރުކޮށްދޭނެއެވެ.
”މިފަދަ ތަނެއް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ މިމަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް! ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށްވެސް ބޮޑު ކުލީގައި ތަނެއް ހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް! ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރާކަމެއް.“ މި ޕްރޮގްރާމްގެ ކޯޑިނޭޓަރ، މުހައްމަދު ޝުޖާއު ވިދާޅުވިއެވެ.
އެޗްޑީސީން ބުނީ މިއީ ބަރަކާތްތެރި ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ.
އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ، އެ ކުންފުނީގެ އަމާޒަކީ، މި ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްއޮތްތަނުގައިވެސް މިފަދަ މުޖްތަމައުއަށް ފައިދާހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާއެކު ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުން ކަމަށެވެ.

