ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މަސްޖިދު އުންމުލްމުއުމިނީން އާއިޝާ رضی اللہ عنھاގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވަގުތީ މިސްކިތް ކުރިން ހުރި ބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން އިމާރާތްކުރާ މި މިސްކިތަކީ، މ. ތައިބާ ފަޟީލަތުއްޝައިހް އިސްމާއީލު މުހައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ.

ދެ ފަންގިފިލާއަށް އިމާރާތްކުރާ، ދެހާސް މީހުންގެ ޖާގައިގެ މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلمގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝާ رضی اللہ عنھا އަށެވެ.

ރިސަރޗް ލައިބްރަރީއަކާއެކު ބިނާކުރާ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި، އަންހެނުންނަށް ހާއްސަ ފާހާނާއެއް ވެސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި މިސްކިތުގައި ކަރަންޓު އުފެއްދުމަށް ނިންމާފައިވަނީ، އިރުގެ ހަކަތަ ބޭނުންކޮށްގެންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި، ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދާއި އެމަނިކުފާނުގެ އާއިލާގެ މެންބަރުންނާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ.