ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ކޮމެޓީގަައި ހިމެނިވަޑައިގަންނަވާ ބަންޑާރަ ނައިބު އަހުމަދު، އުޝާމް އެ ކޮމެޓީން އިސްތިއުފާ ދެއްވައިފިއެވެ.
އުޝާމް ވަނީ ބައެއް މީޑިއާތަކަށް މިކަން ކަށަވަރު ކޮށްދެއްވައިފައެވެ.
އުޝާމް ސަބަބެއްކަމުގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައި އޭނާއަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާތީ އަޒްމިރަލްދާއަށް ވެސް އިންސާފުވެރި ގޮތެއްގައި މައްސަލަ ބެލުމަށް ޖާގަ ދެއްވުމުގެ ގޮތުން ކަމަށެވެ.
އުޝާމްވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ކަންކަން އެންމެބޮޑަށް ކޮށްފައިވަނީ ކުރީ ސަރުކާރުންކަމަށް ވިދާޅުވެފައެވެ.
އޭނާ ހިއްސާކުރެއްވި ތަފާސް ހިސާބުން ފެންނަ ގޮތުން ނިމިގެން ދިޔަ ސަރުކާރުގެ ދުވަސްވަރު 08 ފަނޑިޔާރުން ވަކިކޮށް 12 ފަނޑިޔާރުން ސަސްޕެންޑްކުރިއެވެ.
އަދި އެެހެނިހެން މައްސަލަތަކާއެކު ޖުމްލަ 56 ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅިއެވެ.
އެހެން ނަމަވެސް މި ސަރުކާރުން އެއްވެސް ފަނޑިޔާރަކު މިހާތަނަށް ވަކިކޮށްފައެއް ނުވެއެވެ. އަދި ސަސްޕެންޑްކޮށްފައިވަނީ ވެސް އެންމެ ތިން ފަނޑިޔާރުންނެވެ.

