ދުވަހުގެ ހުރިހާ ވަގުތެއް އެއްގޮތް ވެގެން ނުވެެއެވެ. ކޮންމެ ދުވަހެއްގެވެސް ބައެއް ވަގުތުތައް ހާއްސަ ވެގެންވެއެވެ.
އެގޮތުން ތިބާގެ ފާފަތައް ފުއްސެވުމަށް މާތްﷲގެ ހަޟްރަތުގައި އެދޭނަމަ، ނުވަތަ އެނޫންވެސް ތިބާ ބޭނުން ކަމަކަށް އެދެން ބޭނުންނަމަ އެކަމެއް ކުރަންވީ ވަގުތަކީ، ރޭގަނޑުގެ ތިން ބައިގެ ތެރެއިން އެންމެ ފަހު ބައިގައެވެ.
ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި، އެ ވަގުތަކީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ވިއްސަކަށް މިނެޓު ކުރިއެވެ.
އެވަގުތުގައި ތަހައްޖުދު ނަމާދު، ނުވަތަ ދަމު ނަމާދު ކުރުމަކީ، ކަމަކަށް އެދި މާތްﷲގެ ހަޟްރަތުގައި ދުޢާ ކުރަން ބޭނުންވާ މީހާއަށް އެންމެ މުހިންމުު އެއް ކަންތަކެވެ.
މިކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިން ވިދާޅުވަނީ ދަމު ނަމާދުގެ ވަގުތަކީ މާތްﷲ އެކަލާނގެ އަޅުތަކުންގެ އަޑު އައްސަވާ ދުޢާ އިޖާބަ ކުރަައްވާ ވަގުތެއް ކަމުގައެވެ.
އެހެންކަމުން، އެ ވަގުތު ދޫކޮށް ނުލުމަށް އިލްމުވެރިން ނަސޭހަތް ދެއްވައެެވެ.
އެކަމަކު އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރެވެނީ ކޮން ކަމެއްހެއްޔެވެ؟ އެ ވަގުތުގެ ފައިދާ ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ތިބެވެނީ ގަދަ ނިންޖަކުން ނިދާފައެވެ.
ދަމު ނަމާދުގެ މާތްކަމާއި ސަވާބު ބޮޑުވެގެން ވިޔަސް، އެ ނަމާދުގެ ވަގުތުގައި ނިދުމަކީ ކުށެއް ނޫނެެވެ. ސަބަބަކީ އެ ނަމާދަކީ ކުރަންޖެހޭ ނަމާދަކަށް ނުވުމެވެ. ނަމަވެސް އެއީ ސުންނަތެކެވެ.
ސަވާބާއި ދަރުމަ ލިބުމުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް ކޮށޭ މަގެކެވެ. އެހެންކަމުން ދަމު ނަމާދު ނުކޮށް ނިދަން އޮތުމުން ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟

