ރޯދަމަހުގެ ފުރަތަމަ ހަފްތާ ނިމިގެން ދިޔައިރު، މިހާތަނަށް މާލެ ސަރަހައްދުގެ 48،000 ގޭ ބިސީއަށް މަސްދަޅުކޭސް ދޫކޮށްފައިވާ ކަމުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިޔަށްދާގޮތާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، މިރެއާ މާދަމާރޭ މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.
އެހެންނަމަވެސް އަންގާރަ ދުވަހުން ފެށިގެން ދެން މަސްދަޅު ކޭސް ދޫކުރާނީ، މިފްކޯގެ ފިހާރަތަކުން އެކަނި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާޗް 11 ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށެވެ.
މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކުގައި މަސްދަޅު ކޭސް ދޫކުރަމުންދާނެ ކަމަށާއި ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރޯދަ ހަދިޔާ މަސްދަޅު ކޭސް ބޭނުންވާ ހުރިހާ ފަރާތްތަކަށް މަސްދަޅު ކޭސް ލިބެންދެން މަސްދަޅު ކޭސް ބެހުން ކުރިޔަށް ގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ.

