ދުނިޔެ މިހާރު އޮތް ހާލަތަށް ބަލައި، ސަލާމަތްކަމާއި، ކުރިއެރުން ހޯދުމަށްޓަކައި ކޮމަންވެލްތުގެ ގައުމުތައް އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ގޮވައިލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލައްވައިފައިވަނީ މިއަދު ފާހަގަކުރަމުންދާ ކޮމަންވެލްތު ދުވަހާ ގުޅިގެން ފޮނުއްވެވި މެސެޖެއްގައެވެ.
ރައީސް ފޮނުއްވެވި މެސެޖުގައި ވިދާޅުވީ، ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަމަށެވެ.
އެމަނިކުފާނުގެ މެސެޖުގައި ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށް ވިދާޅުވިއެވެ.
އަދި އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރަކީ ”ޓުގެދަރ ވީ ތްރައިވް“އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ ޝިއާރަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ޝިއާރެއް ކަމަށެވެ.

