ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ދައުރު ކުރަން ފަށައިފިއެވެ.
މި މެސެޖުތައް ދައުރު ކުރަމުންދަނީ، އެ ޕާޓީގެ ބޭނުމަށް މައުލޫމާތު ހޯދުމަށް ކަމަށް ބުނެއެވެ.
ސައްހަ ނޫން މެސެޖްތަކެއް ދައުރު ކުރަމުންދާތީ ޕީއެންސީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުމޫލާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީ އާއި ޕާޓީގެ މައި އޮފީހުގެ އިތުރުން ޕާޓީގެ ރަސްމީ މަސްއޫލިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ ޕާޓީގެ ރަސްމީ ޕްލެޓްފޯމްތަކުން ކަމަށެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ނަމުގައި ހިންގާ މިފަދަ ކަންކަން ފުލުހުންނަށް ހުށަހަޅައިގެން ވެސް ބަލާނެ ކަމަށެވެ.
އަދި ޕާޓީގެ ނަމުގައި ސިޔާދީ ބޭނުމަށް ބަޔަކު ސައްހަ ނޫން މެސެޖްތައް ދައުރު ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ބުންޏެވެ.
”ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ކިބައިން އެދެނީ މިފަދަ ސައްހަ ނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާ އަށް އެކަން އެންގުމަށް.“ ޕީއެންސީން ބުންޏެވެ.

