ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންްމަ މަރްޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް ކުށްވެރިކޮށްފިއެވެ.
ރޭ މާލޭގައި ބޭއްވި އެމްޑީޕީގެ އެއްވުމެއްގައި މަންދީ ވަނީ ޒުވާނުން ބިޑި އޮޅަން ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޯން ފެށުމުން ކަމަށް ބުނެ ދޮގު ވާހަކަތަކެއް ފަތުރައިފައެވެ. އޭނާގެ މި ވާހަކަތަކަށް ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވިއެވެ.
މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އީސީން ނެރުނު ބަޔާނެއްގައި ބުނީ، ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ގާނޫނު އަސާސީއާއި ސީޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގައި އަމަލު ކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދޭ ކަމަށެވެ.
އަދި އެމްޑީޕީން މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައިވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަމަލުކުރުމަށާއި، ހާއްސަކޮށް ސިޔާސީ ޙަރަކާތްތައް ރާވާ ހިންގުމުގައި، ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެއެވެ.
އަދި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދާއިރު ސުލޫކީ މިންގަނޑާ ހިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ހަގީގަތާއި ހިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށްވެސް އީސީން އިލްތިމާސްކޮށްފައި ވެއެވެ.
އަދި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އީސީން އަބަދުވެސް މަރުހަބާ ކިޔާނެ ކަަމަށްވެސް އެ ބަޔާނުގައި ވެއެވެ.

