ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު އަކީ ދުވަހަކު ވެސް ވޭޕް ބޭނުންކޮށް، ދުންފަތުގެ އިސްތިއުމާލު ކުރި ކުއްޖެއް ނޫން ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ ވިދާޅުވެއްޖެއެވެ.

އެކަމަނާގެ ފަރާތުން މިކަން ހާމަކުރެއްވީ މިއަދު އިއްވެވި ބަޔާނެއްގައެވެ.

އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް މުއިއްޒުގެ ދަރިކަލުން އުމެއިރަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ވެސް މެޑަމް ސާޖިދާ ވަނީ ނިންމަވައިފައެވެ.

މެޑަމް ސާޖިދާ އެގޮތަށް ނިންމެވިކަން ހާމަކުރެއްވީ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައި އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސްގެ އާއިލާގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އާޒިމާ ޝަކޫރެވެ.
އާއިލާގެ ފަރާތުން ނެރުއްވާ ބަޔާން އިއްވަވަމުން އާޒިމާ ވިދާޅުވީ މި ވީހާތަނަށް ދިޔައިރު، ސަރުކާރުން ކުރާ ކަމެއްގެ ގޮތުން ނަމަވެސް، އެ ބޭފުޅުންނާ ދޭތެރޭ ސިޔާސީގޮތުން ކުރައްވާފައިވާ އެއްވެސް ކަމެއްގެ ގޮތުން ނުވަތަ ދައްކާފައިވާ ވާހަކައަށް ނުވަތަ ޖަހާފައިވާ ހަޖުލަކަށް އަދި ކޮށްފައިވާ މަަަސައްކަތަކާ ދޭތެރޭ އެއްވެއް ފިޔަވަޅެއް އެއްވެސް ފަރާތަކާމެދު އަޅުއްވާފައިނުވާނެކަމަށް މެޑަމް ސާޖިދާ ވިދާޅުވެފައިވާ ކަމަށެވެ.

ނަަމަވެސް އެ ފަރާތްތަކާމެދު ދައުވާކުރައްވަން ނިންމަވައި، އެޅުއްވި މި ފިޔަވަޅަކީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަން ޖެހިވަޑައިގެންނެވި ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

“ މި ފުރުސަތުގައި އުމެއިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނުވަތަ ކޮށްފައިވާ ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާފުކަމާއެކު ދަންނަވަމެވެ.“ ބަޔާނުގައި މެޑަމް ސާޖިދާ ވިދާޅުވެފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ އާއިލާގެ ވަކީލާ އާޒިމާ ވިދާޅުވީ މި މައްސަލައިގައި އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ މަންދީ އެ ވާހަކަތައް ދެއްކީ އެމްޑީޕީން ބޭއްވި ރެލީއެއްގައި ކަމަށްވާތީ، އެކަމުގެ އެ ފަރާތުގެ ގާނޫނީ ޒިންމާއެއް އޮންނާނެ ކަމަށް ދެކިގެން ކަމަށެވެ.

އަދި މަންދީ ދެއްކި ވާހަކައިގެ މައްޗަށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ފައްޔާޒަށް ދައުވާކުރަން ނިންމާފައިވަނީ، އެ މައްސައާ ގުޅިގެން ކުރެއްވި ޓްވީޓެއްގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި، އެކަމަނާގެ އާއިލާއާ ގުޅޭގޮތުން މިފަދަ ވާހަކަތައް ފަތުރަނީ ފިރިކަލުންނާ ސިޔާސީ ގޮތުން ހިޔާލު ތަފާތު އެކި ފަރާާތްތަކުންނެވެ.

އުމެއިރާ ގުޅުވައި، ފާއިތުވި އަހަރު ތެރޭގައި ވެސް ދޮގު ވާހަކަތައް ފަތުރާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީީސްގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީން ސިޔާސީ ބޭނުމަށް ދޮގު ވާހަކަ ފެތުރުން ކުށްވެރިކޮށް ގިނަ ބަޔަކު ދަނީ މީީސްމީޑިއާގައި އަޑު އުފުލަމުންނެވެ.