ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހުމަދު ނިޒާރު މިއަދު އައްޔަނު ކުރައްވައިފިއެވެ.

ހިކުމާ މަގާމަށް އައްޔަނު ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ހިކުމާ ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ.

ރައީސް ކުރިމަތިފުޅުގައި، ހިކުމާއަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއުއެވެ.

އަދި، މަގާމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން، ރައީސް ވަނީ ހިކުމާ އާ ހަވާލުކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނު ކުރެއްވި ހިކުމާ  މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމު 2020 އިން 2024 އަށް އަދާކުރައްވާފައެވެ.

އަދި ހިކުމާ ވަނީ އެވިޑް ކޮލެޖުން ބެޗެލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފައެވެ.