ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ”ދަ ގާޑަންސް“ ޕްރޮޖެކްޓް ނުނިންމުމުން އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފިއެވެ.

ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓުން ”ދަ ގާޑަންސް“ ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ.

މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ.

ނަމަވެސް ދިން މުއްދަތުގައި މަޝްރޫއު ނުނިމޭތީ، މަސައްކަތް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ކުންފުންޏަށް އެޗްޑީސީން މުއްދަތު އިތުރުކޮށްދިން ނަމަވެސް އެ މަޝްރޫއު ނިންމާފައެއްނުވެއެވެ.

އެޗްޑީސީ އާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިސް ދިނުމަށް ބޯޑުން ނިންމައި، އެ ނޯޓިސް 27 ޖަނަވަރީ 2025 ގައި ޖާހު އިންވެސްޓްމަންޓަށް ފޮނުވިއެވެ.

އެ ނޯޓިސްގައި ޖާހު އިންވެސްޓްމަންޓަށް އަންގާފައި އޮތީ 45 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށެވެ.

ނޫންނަމަ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް އެ ކުންފުނީގެ އަތުން ނަގާނެ ކަމަށް ނޯޓިސްގައި ބުނެފައިވެއެވެ.

އެޗްޑީސީން ވަނީ އެ މުއްދަތުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓުން އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، ތަން ހަވާލުކުރުމަށް އިއްޔެ އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ބުނެފައެވެ.

އަދި އެއްބަސްވުން ބާތިލުކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ ހިއްސާކުރާނެ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ބުނީ, އެ ކުންފުނިން އެ ފިޔަވަޅު އެޅީ ޖާހު އިންވެސްޓްމަންޓުން ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.