އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް މުޒާހަރާގެ ބައިވެރިޔަކު ދެއްކި ދޮގު ވާހަކަތައް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވެސް ކުށްވެރި ކޮށްފިއެވެ.

އެމްޑީޕީގެ މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު، (މަންދީ ) ވަނީ އުމެއިރު ވޭޕް ބޭނުންކުރާކަމަށް ތުހުމަތުކޮށް ދޮގު ވާހަކަތަކެއް ފަތުރައިފައެވެ. ރާއްޖޭގައި ވޭޕް މަނާ ކުރީ އެހެންވެ ކަމަށް މަންދީ ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުންދާއިރު،  ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާއިރު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދީފައި ވިޔަސް، އެ ހައްގު ބޭނުންކުރަންވާނީ އެއްވެސް މީހެއްގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމަށެވެ.

އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ އަބުރު ރައްކާތެރިކުރުމަށް މުހިންމު އުސޫލުތައް ކަނޑައަޅާފައިވާއިރު އަދި ގާނޫނުއަސާސީގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ދީފައިވާ ހިނދު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން ހިންގި ހަރަކާތެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދެއްކުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައި ވާތީ، ކުޑަކުއްޖަކާ މެދު ހިންގާފައިވާ އެ އަމަލު ކުށްވެރިކުރާ ކަމަށް އެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިފަދަ ބަޔާނެއް ނެރެފައިވާއިރު އެމްޑީޕީގެ މުޒާހަރާގެ އެ މައްސަލަ ގިނަ އިދާރާތަކުން އަންނަނީކުށްވެރި ކުރަމުންނެވެ.