ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިޔަ އިންޓާނަލް އޮޑިޓްގައި ފާހަގަވި މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނީ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު އެއްބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅަމުންދާތީ، އެކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސް، އެކަން އިތުރަށް ބަލައި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

އެޗްޑީސީން ވަނީ ’ބިންވެރިޔާ‘ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާއި ގުޅޭގޮތުން ހާއްސަ އޮޑިޓެއްކޮށްފައެވެ.

އެ ކޯޕަރޭޝަނުން ބުނީ އެ ކުންފުނިން ކުރި މި އޮޑިޓުން ބިންވެރިޔާ ސްކީމްގެ ތެރެއިން އިތުރު މައްސަލަތަކެއް ފެނިފައިވާތީވެ، އެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައި، ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

އެޗްޑީސީން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ މައްސަލަތައް ބަލައި ކަންކަން ފާހަގަވަމުންދާނަމަ ހަމަޖެހިފައިވާ އުސޫލުގެމަތިން ފިޔަވަޅުތައް އަޅަމުންދާނޭ ކަމަށެވެ.

އެ ކޯޕަރޭޝަނުން މަސައްކަތްކުރަމުންދާނީ ހުރިހާ ރައްޔިތުންގެ ލާބައާ މަންފާއަށް އަދި ނަޒާހަތްތެރިކަމާއެކު ކަންކަން ކުރުމަށް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ބިންވެރިޔާ ސްކީމާ ގުޅޭގޮތުން އެޗްޑީސީން ކުރިއަށްގެންދިޔަ އޮޑިޓުގައި ފާހަގަވި މައްސަލަތައް ފުލުހަށް ހުށަހަޅާފައިވާއިރު، ޕީޖީ އަންގަވައިގެން ފުލުހުންގެ މުއައްސަސާއިން މިހާރުވެސް ގެންދަނީ އެ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންނެވެ.