މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވައިފިއެވެ.
އޭނާ އިސްތިއުފާދެއްވާފައި މިވަނީ، ބްރޯޑްކޮމްގެ މެންބަރުކަމުން އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވަނިކޮށެވެ.
ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް، ފަޒީން ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުވާ މައްސަލައެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ވަނީ ބަލައިފައެވެ.
އިސްތިއުފާ ދެއްވުމަށް ފަޒީން ފޮނުއްވި ސިޓީގައި ވިދާޅުވީ މަގާމުން އިސްތިއުފާދެއްވުމަށް ނިންމެވީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ކޮމިޝަނުގެ މެންބަރުކަމުގެ ޒިންމާ އުފުލުމަކީ މި ހިނދަށް ކުރެވެން ނެތް ކަމެއް ކަމަށް ގަބޫލުކެރެވޭތީ ކަމަށެވެ.

