ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލްގެ މަސައްކަތްތައް ބައްލަވައިލައްވައިފިއެވެ.

ވީއައިއޭއަށް ރައީސް މިއަދު ކުރެއްވި ޒިޔާރަތުގައި، ކެބިނެޓް މިނިސްޓަރުންނާއި ރައީސް އޮފީހުގެ މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުޖުތަބާ ލަތީފާއި މުހައްމަދު ލަމްއާންގެ އިތުރުން އެ ކުންފުނީގެ ބައެއް ޑިޕާޓްމަންޓުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ އަންނަ އޮކްޓޯބަރު މަހު ހިދުމަތް ދޭން ފެށުމަށްޓަކައި އާ ޓާމިނަލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށާއި ރައީސްގެ ޒިޔާރަތުގައި ޓާމިނަލްގެ މުހިންމު ސަރަހައްދުތަކަށް ވަޑައިގެން، މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި މަސައްކަތް ރޭވިފައިވާ ގޮތާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވި ކަމަށެވެ.

އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އާ ޓާމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާމިނަލެކެވެ.

އެ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

 

 

ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލުގައި 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއޭސީއެލުން ބުނީ އާ ޓާނިމަލްގެ ސަބަބުން ވީއައިއޭގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ގައުމުގެ އިގުތިސާދަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.