ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ފަސީހު އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މި މަގާމަށް ފަސީހު އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައި ކަމަށެވެ.

ފަސީހު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް އައްޔަނުކުރެއްވިއިރު، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގުގެ ތެރެއިން، ތިން މީހަކު ހައްޔަރުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.