ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު ނުވަތަ ރާއްޖޭގެ ހެޕިނެސް އިންޑެކްސް ހިސާބުކުރުމުގައި ބަލާނެ އަށް ދާއިރާއަކަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިކަން ހާމަކުރެއްވީ ދުނިޔޭގެ އުފާވެރިކަމުގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

މިނިސްޓަރުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި، ދިވެހިންގެ އުފާވެރިކަން ހިސާބުކުރުމަށް ބަލާނެ އަށް ދާއިރާ ހާމަކުރެއްވިއެވެ.

މި ދާއިރާތަކުގެ ތެރޭގައި އިސްލާމްދީނާ އެއްގޮތަށް އަމަލުކުރުމާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ، އިގްތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަން، އަދި ސިއްހަތާއި ދުޅަހެޔޮކަން ހިމެނެއެވެ.

މީގެއިތުރުން، ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން، ސަގާފަތާއި އާދަކާދަ ދިރުވުން، އަމާންކަމާއި ރައްކާތެރިކަން، އަދި މުޖުތަމައުގެ ބަދަހި ގުޅުން ހިމެނޭގޮތަށް މި އިންޑެކްސް އެކުލަވާލެވޭނެއެވެ.

މި އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ހަވާލުކޮށްގެންނެވެ.