މިދިޔަ އަހަރު ޓީބީ ޖެހިގެން 148 ކޭހެއް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަހަރުގެ ދުނިޔޭގެ ޓީބީ ދުވަހާ ދިމާކޮށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، މި ބަލީގައި ދުނިޔެއިން 1.2 މިލިއަން މީހުން މަރުވެފައިވާ ކަމަށް 2023 ވަނަ އަހަރުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާފައިވާ ކަމަށެވެ.

މިގޮތުން، އެ އަހަރު އެކަނި ވެސް ދުނިޔޭގެ 10.8 މީހުންނަށް ޓީބީ ޖެހިފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ، ހަ މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެނުންނާއި 1.3 މިލިއަން ކުޑަކުދިންނެވެ.

މި ބަލި ދުނިޔޭން ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2014 ވަނަ އަހަރު ވޯލްޑް ހެލްތު އެސެމްބްލީގަިއ މި ބަލި މަދުކުރުމަށް ”އެންޑް ޓީބީ“ގެ ނަމުގައި ސްޓެރެޓެޖީއެއް ކަނޑައަޅާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ދެހާސްތިރީސްވަނަ އަހަރާ ހަމައަށް، ޓީބީ މަދުކުރެވިފައިވާ ގައުމަކަށް ހެދުމަށް ރާއްޖޭން މަސައްކަތް ފަށާފައިވާއިރު، 100 ރަށެއްގައި ޓީީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އޭގެއިތުރުން، ރާއްޖޭން ޓީބީ ނައްތާލުމަށް މަސައްކަތް ކުރުމަށް އަމާޒުކޮށްގެން 2018ގައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލި ކަމަށާއި މަސައްކަތަށް ބޭނުންވާ ފަންނީ ގައިޑްލައިންތައް މިހާރު އެކުލަވާލާފައިވާ ކަން އެޗްޕީއޭއީން ފާހަގަކޮށްފައިވެއެވެ.

ޓީބީ އަކީ ބެކްޓީރިއާއެއްގެ ސަބަބުން އާންމުކޮށް ފުއްޕާމެއަށް ޖެހޭ ބައްޔެކެވެ.