ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ ގެ ފުލުހުން ބަލައި ފާސްކޮށް، ބައެއް ސާމާނު ގެންގޮސްފިއެވެ.

އޭނާ ދިރިއުޅުއްވާ ގެ ފުލުހުން ބަލައި ފާސްކުރިއިރު، އިމިގްރޭޝަންގެ އޮފިސަރުންތަކެއްގެ ކޮރަޕްޝަން މައްސަލަތަކެއް ފުލުހުން ދަނީ ބަލަމުންނެވެ.

ފުލުހުން ރޭ ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް އެ މުއައްސަސާއިން ބަލަމުންގެންދާ ކަމަށެވެ.

ޝަމްއާން ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމާ މި މައްސަލައާ ގުޅުމެއް އޮތްކަމެއް ސާފެއް ނޫނެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ޝަމްއާން ގެއިން ފައިސާ ވެސް ގެންގޮސްފައިވެއެވެ. ނަމަވެސް މި މައުލޫމާތު މި ނޫހަށް ކަށަވަރެއް ނުކުރެވެއެވެ.

އިމިގްރޭޝަނުގެ ކޮރަޕްޝަނާ ގުޅޭ ތަހުގީގުގައި، ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޝަމްއާން ރޭ މަގާމުން ވަކިކޮށް، އެ މަގާމަށް އައްޔަންކުރީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހުއެވެ.