ރަހަމީރު މޭވާތަކުގެ ތެރޭގައި ހިމެނޭ އަނބުން އިންސާނާގެ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތައް ލިބެއެވެ.
އަނބުގައި ހިމެނޭ އެންޓިއޮކްސިޑެންޓުތަކުގެ ސަބަބުން ނުރައްކާތެރި، އަދި އަޅުގަނޑުމެން އެންމެ ބޮޑަށް ޖެހިލުންވާ އެއް ބަލިކަމުގައިވާ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
އަނބުގައި ހިމެނޭ ވިޓަމިން އޭ، އަދި ބީޓާ ކެރަޓީން އަކީ ލޮލުގެ ދުޅަހެޔޮ ކަމަށް ވަރަށް މުހިންމު މާއްދާތަކެކެވެ.
މި މާއްދާތަކުގެ ސަބަބުން އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލަށް ދިމާވާ މައްސަލަތަކުން ދުރުކޮށްދޭ ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ.
ިއަނބުން އިތުރު ގިނަ ފައިދާތައް ވެސް ލިއްބައިދެއެވެ. އެގޮތުން ބަރުދަން އިތުރުކުރަން ބޭނުންވާ މީހުންނަށް އަނބަކީ ބޭނުންތެރި މޭވާއެކެވެ.
100 ގުރާމްގެ އަނބުގައި 75 ކިލޯ ކެލޮރީ ހުރެއެވެ.
އަނބުގައި ހިމެނޭ ޑައެޓްރީ ފައިބަރަކީ ލޭގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރާ އެއްޗެކެވެ.
މިއީ ލޭހޮޅިތަކުގެ އެތެރޭގައި ތަތްވެ، ޖަމާވެ، ލޭހޮޅި ބައްދައި ހަރުކޮށްލުމުގެ ދައުރު އަދާކުރާ ސަރުބީގެ ވައްތަރެވެ.
އެހެންކަމުން އަނބު ބޭނުންކުރުމަކީ ސަރުބީގެ މިންވަރު ދަށްވެ، ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ލޭގެ ސަރުބީ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.
އަނބުގައި ޕޮޓޭސިއަމް ވަރަށް ގިނައިން ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ލޭމައްޗަށްދިއުން ފަދަ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. ވިޓަމިން އީ އަދި ސިލެނިއަމް އަނބުގައި ހުރުމަކީ ވެސް ކެންސަރާއި ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.
ސަރުބީގެ މިންވަރު ޕެކްޓިންގެ ސަބަބުން ދަށްވުމަކީ ލޭހޮޅިތައް ބެދި، ލޭމައްޗަށް ގޮސް ހިތުގެ މައްސަލަތައް ދިމާވުން ދުރުކޮށްދޭނެ ކަމެކެވެ.

