ކުރީގެ ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ވަނީ، ފުޓުބޯޅައަށް އެކިގޮތްގޮތުން، އަގު ނުކުރެވޭ ހިދުމަތްތަކެއް ކުރައްވައިފައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސާންތި އިއްޔެ ނިޔާވިއިރު، އޭނާ ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.
ސާންތި ނިޔާވުމާ ގުޅިގެން މިނިސްޓަރު ޝިޔާމް މިއަދު ސޯޝަލްމީޑިއާގައި ވިދާޅުވީ، ސާންތި މި ދުނިޔެ ދޫކުރެއްވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާއި އެކު ކަމަށެވެ.
”ސާންތި ކޯޗަކީ ޤައުމީ ޓީމުގެ އިތުރުން ކްލަބު ފުޓުބޯޅާގައި މުހިއްމު ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ދިވެހި ފުޓުބޯޅައަށް އެކިގޮތްގޮތުން އަގުނުކުރެވޭވަރުގެ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އަޅުގަނޑު ކްލަބު އީގަލްސްގެ ޗެއަރމަން ކަމުގައި ހޭދަކުރި ދުވަސްވަރަކީ ކްލަބުގެ ތާރީޚުދުށް އެންމެ ކާމިޔާބު އަހަރުތަކޭ ދެންނެވިޔަސް ކުށަކަށް ނުވާނެ.“ ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އަދި ހަމަ އެ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކްލަބް އީގަލްސް ކާމިޔާބު ކުރުމުގެ ހަގީގީ މޭސްތިރިއަކީ އޭރުގެ ސީނިޔާ ޓީމުގެ ކޯޗު ސާންތި ކަމަށެވެ.
އޭނާ އަކީ ހިތްހެޔޮ، ހިތްތިރި، ޚުލްޤުހެޔޮ, ކަމަށް ކަމޭ ހިތްތެވި އެކުވެރި ބޭފުޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މާތް ﷲ މަރުޙޫމުގެ ފުރާނަފުޅު މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މަރުޙޫމުގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! “ މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ސާންތިގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހުގައި އިސްލާމީ މަރުކަޒުގައެވެ.

