ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލެސީމިއާ ބަލި ތަހައްމަލު ކުރާ ބައެއް ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތެލެސީމިއާ ސެންޓަރަށް ވަޑައިގަންނަވައިފިއެވެ.
މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި، ތެލަސީމިއާ ސެންޓަރުގައި އެ ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތައް ރޭ މުޒާހަރާ ވެސް ކުރިއެވެ.
ރައީސް އެ ސެންޓަރަށް ވަޑައިގެން، ތަނުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހާލަތު ވެސް ބެއްލެވިއެވެ. އަދި އެވަގުތު އެތަނުގައި ފަރުވާ ހޯދަމުން ދިޔަ ފަރާތްތަކާ ވެސް ބައްދަލުކުރައްވަވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސެވިއެވެ.
އެ ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައި، ސަރުކާރުން ވަނީ މަސައްކަތް ވެސް ފައްޓަވައިފައެވެ.
ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން މުޒާހަރާ ކުރީ ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ކަމަށް ބުނެއެވެ.
އެތަނުގައި އެތައް ޒަމާނެއް ވަންދެން ހުރި މައްސަލަތައް ހައްލު ނުކުރެވި އޮތްއިރު، މި ސަރުކާރުގެ އަމާޒަކީ އެ މައްސަލަތަކަށް ދާއިމީ ހައްލު ގެނައުން ކަމުގައި ސަރުކާރުން ވިދާޅުވެއެވެ.

