ނެޝަނަލް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް މިހާރު ތައްޔާރުކުރެވެމުންދާ ”އޮރެންޖް ހިޔާ“ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
އެ އިމާރާތަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އިމާރާތުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ބައްލަވައި އިތުރަށް ކުރަން ހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.
މި ޒިޔާރަތުގައި، ރައީސް އިރުޝާދު ދެއްވާފައިވަނީ އާ އިމާރާތަށް ތެލަސީމިއާގެ ހިދުމަތްތައް ބަދަލުކުރެއްވި ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ހިދުމަތް ދެވޭނެގޮތަށް، އާ އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށެވެ.
މީގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާ އަދި ހިދުމަތް ހޯދާ ފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށްވެސް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.

