ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއް ގޮތަށް ހިންގުމަށް ސަރުކާރުން ނިންމަވައިފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފިއެވެ.

އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިންހައްލުކުރުމަށް އަންގަވައިފައިވާކަން ރައީސް މިއަދު ވަނީ މީޑިއާތަކަށް ހާމަކުރައްވައިފައެވެ.

ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ރައީސް މިކަން ހާމަކުރެއްވީ ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރިތާ ސައުވީސް ގަޑިއިރުނުވަނީސް އެތަނަށް ޒިޔާރަތް ކުރައްވަވައި، ހުރިހާ ޑިޕާޓްމަންޓެއް ބެއްލެވުމަށްފަހުގައެވެ.

އެ ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ކަންކަން ތަފްސީލުކޮށް އޮޅުންފިލުއްވާފައިވާކަމަށެވެ.

އެގޮތުން އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެތަނުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހުޅުމާލޭއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާތަންވެސް ބައްލަވާލައްވައި އެ މަސައްކަތް ކުރިއަށްދާގޮތްވެސް އޮޅުން ފިލުއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަނުގައި މައްސަލަތަކާއި ގުޅޭގޮތުން ބައްދަލުވުމެއްވެސް ބާއްވައި ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިރުޝާދުވެސް ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.