ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރައްސާރަކުރުން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަޖޫ ޖަހައިފައެވެ.
ރާއްޖެ ޓީވީގެ ”ކާލާ ބައިސާ“ ޕްރޮގްރާމުގައި ޕާޕާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިޔަކަށް އިންޒާރު ދެއްވި ކަމަށް ތުހުމަތުކޮށް އެއީ ގޮތް ހުސްވުމުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވެފައެވެ.
”ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން.“ އޭނާ ވިދާޅުވިއެވެ.
އެވާހަކައަށް ބާރު ދެމުން މޮސްޓާ ވިދާޅުވީ، ”އޮޓިސްޓިކް އެކަންޏެއް ނޫން، ޑައުންސިންޑްރޯމް ވެސް ހުންނަހެން ހީވަނީ“ މިހެންނެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، މީހުންގެ ނުކުޅެދުންތެރިކަމަކީ އެއިން މިސާލު ޖެހޭނެ ކަމެއްނޫން ކަމަށެވެ.
”އެއީ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަންނާނެ ކަމެއްވެސް ނޫން.
އެފަދަ އަމަލުތަކުން އެނގެނީ، އޯޓިޒަމާއި ޑައުން ސިންޑްރޯމް ހުންނަ ކުދީންނާއި އެކުދީންގެ އާއިލާތަކުން ތަހައްމަލުކުރާ ކަންކަން ރަނގަޅަށް އިޙްސާސްވެސް ނުކުރެވޭކަން.“ ފައިސަލް ވިދާޅުވިއެވެ.
އަދި ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި އިހްތިރާމް އިސްކުރުމަށް ފައިސަލް އިލްތިމާސް ކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަޖޫ ޖަހައި، މޮސްޓާއާއި ޕާޕާ ދެއްކި ވާހަކަތައް ވަރަށް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ކުށްވެރި ކުރަމުންނެވެ.

