ސިޔާސީ ހިޔާލުފާޅު ކުރުމުގައި އިންސާނީ ކަރާމަތަށް އިހުތިރާމު ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ރާއްޖެ ޓީވީން ”ކާލާ ބައިސާ“ ގެ ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ނިސްބަތްވާ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ ފަޔާޒް) އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ފުރައްސާރަކޮށް، އެފަދަ ކުދިންގެ ކަރާމަތަށް އުނިކަން ލިވޭ ގޮތަށް ދެއްކި ވާހަތަކާ ގުޅިގެންނެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޮމް ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަވަރުކަމެއް ކަމަށެވެ.

އަދި ސިޔާސީ ހިޔާލު ފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރު ދެއްވި ކަމަށް ބުނާ ވާހަކައާ ގުޅޭ ގޮތުން ޕާޕާ ވިދާޅުވީ ރައީސް މުއިއްޒު އެފަދައިން ކަން ކުރެއްވީ ގޮތް ހުސްވެގެން ކަމަށެވެ.

”ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން.“ އޭނާ ބުނެފައިވެއެވެ.

އެއާ ވިއްދައިގެން މޮސްޓާ ވިދާޅުވީ ރައީސްގެ ”އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ.“ ކަމަށެވެ.

އެ ދެބޭފުޅުންގެ ވާހަކައަށް ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.