ބަންގްލަދޭޝްގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ.މުހައްމަދު ޔޫނުސް އަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގާތް އަދި މުހްތަރަމް ގުޅުން ހަރުދަނާކޮށްދެނީ، ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާމެދު ދެ ގައުމުން ހިއްސާކުރާ ޤަބޫލުކުރުންތައް ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ، ތަފާތު ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ޤައުމަށްވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި މިގުޅުން ކުރިއަރަމުންދާނެކަމުގެ ޔަގީންކަން އެބައޮތްކަން ހާމަކުރައްވާފައެވެ.
ބަންގްލަދޭޝަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުގައެވެ.
ބަންގްލަދޭޝްގެ މިނިވަންދުވަސް އިހުތިފާލުކުރެއްވުމުގެ ގޮތުން ރައީސް ވަނީ، އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުންވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.

