އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންވީ، ކޮންމެ ދުވަހެއްގެ އަދި ކޮންމެ ވަގުތެއްގެ އަމަލީ މަސައްކަތްތަކާއި، އުޅުމާއި ގުޅުންތައް ބައްޓަންކުރާއިރު، ކީރިތި ޤުރްއާނުގެ ބޭނުން ހިފުމަށް ކަމަށާއި، ހަގީގީ ތަރައްގީ ހާސިލުވާނީ އޭރުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ކޮންމެ މީހެއްގެވެސް ”ގައިޑުބުކް“ ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރްއާން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
އަދި ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއްކަމުގައި ހެދުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.
ހަމަ އެއާއެކު މި މުޖުތަމައުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީވެސް ކީރިތި ޤުރްއާނަކީ ކޮންމެ ދުވަހެއްގެވެސް އަމަލުތައް ބައްޓަންކުރާ ފޮތްކަމުގައި ހަދައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރުއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށްވެސް ބާރުއަޅުއްވާފައެވެ.
އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މުޅި މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހްތިރާމް ކުރުމަށް ބާރުއަޅުއްވައިފައެވެ.
އަދި ފުރިހަމަ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އެ ސުވާލު އަމިއްލަ ނަފުސާމެދު ހެޔޮނިޔަތުގައި ކޮށްފިނަމަ މުޅި މުޖުތަމައު ރަނގަޅުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މުޖުތަމައު ރަނގަޅު ވާނީ އަނެކާއަކީވެސް ތިމާ ފަދައިން ކަރާމާތެއް އޮތް މީހެއްކަމުގައި ގަބޫލުކުރުމުންކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އެކަމަށް ބާރުއަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ، ކިތަންމެ ގިނަ ބިނާރުތަކެއްގެ މަސައްކަތްކުރެވުނު ނަމަވެސް، ހަގީގީ ތަރައްގީ ހާސިލްވާނީ ކީރިތި ޤުރްއާނާ އެއްގޮތަށް އަމަލުތައް ބައްޓަންކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

