މި ސަރުކާރުގެ ސިޔާސަތަކީ، އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ހާފިޒުންނަށް ހެދުންކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ހާފިޒުން މި ގައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކީރިތި ޤުރްއާން އުނގަންނައިދެއްވުމަށް ބާރުއެޅުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
މިގޮތުން ރައީސް ވަނީ ކީރިތި ޤުރްއާނާބެހޭ ހާއްސަ ވަޤުފް އިމާރާތެއް އެޅުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ.
އަދި އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި ފަހުދިހައެއްގައިވެސް އެކަމަށް މަސައްކަތްކުރައްވައި، މިހާރު މާލެއިން އެއިމާރާތް އެޅުމަށް ބިމެއް ކަނޑައަޅުއްވާފައިވާކަމަށެވެ.
އަދި މި ފަހު ދިހައެއްގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެކަމާބެހޭ ސިޓީ، އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކީރިތި ޤުރުއާނާބެހޭ މި ވަގުފު އިމާރާތް އެޅުމުން ލިބޭނެ ފައިދާތަކަށްވެސް ރޭގެ ރަސްމިއްޔާތުގައި ރައީސް އަލިއަޅުއްވާލެއްވިއެވެ.
މިގޮތުން މި އިމާރާތް އެޅުމުން އެކުރެވިގެންދަނީ ވަރަށް މުހިންމު ހޭދައެއްކަމުގައި ފާހަގަކުރައްވައި، ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް މިކަން ވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުންވެސް މިރޮނގުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު މި ރަސްމިއްޔާތުގައި ފާހަގަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ހާފިޒަކަށްވުމަށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މަރުހަބާ ދަންނަވާފައެވެ.

