ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގެ ދަށުން މިވީ މުއްދަތުގެތެރޭގައި 150 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިވީ ކުރު މުއްދަތުގެތެރޭގައި 150 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށެވެ.
މިއީ ކުރިން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަމުން އައި މިންވަރާ އަޅާ ބަލާއިރު %40 އިތުރު އަދަދެކެވެ.
“މިހާރު %95 ގާނޫނާއި އެއްގޮތަށް މާރުކުރަމުންދަނީ، ބާކީ %5 ވެސް މީގެތެރެއަށް ވައްދާނަން، ޤާނޫން ތަންފީޒްކުރާނަން، އެމަސައްކަތް އެމްއެމްއިންދަނީ ކުރަމުން، މިކަމުގައި އެއްބާރުލުންވެސް ލިބޭ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ބަދަލާއި އެކު ޑޮލަރު ހޯދުމުގައި ރައްޔިތުންނަށް ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތްވެސް އިތުރަށް ކުރިއަރައި ބޭރަށް ފުރާ ފަރާތްތަކަށް ދޫކުރާ ޑޮލަރުގެ އަދަދުވެސް އިތުރުކުރެވިގެންދާނެކަމަށެވެ.
އަދި ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީ.ޓީ ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރު ފައިސާއާއި ބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

