ސަރުކާރުން ދޫކުރަމުންދާ ތައުލީމީ ލޯނުތައް އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ހިންގުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުމާ ގުޅިގެން، މިހާތަނަށް ލޯނުތަކުން ނަގަމުން އައި އެއް ޕަސެންޓްގެ އިދާރީ ފީ އުވާލުމަށާއި، ލޯނުގެ އަދަދުގެ އިތުރުން އެހެން އެއްވެސް އިތުރު ފައިސާއެއް ނުނެގުމަށް ވަނީ ނިންމަވާފައެވެ.
އަދި މީގެ ކުރިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު އަދަދުތައްވެސް މި އުސޫލާ އެއްގޮތަށް އަލުން ހިސާބުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވެއެވެ.
މަތީ ތަޢުލީމާއި ހުނަރުވެރިކަން ތަރައްޤީކުރުމުގެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރު އެއްހާސް ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދޫކުރެވިފައިވެއެވެ.
މީގެއިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދަފްތަރުގައި 2,116 ދަރިވަރުން ރަޖިސްޓްރީވެފައިވާއިރު، އޭގެތެރޭގައި 915 ފިރިހެން ދަރިވަރުންނާއި 1,201 އަންހެން ދަރިވަރުން ހިމެނެއެވެ.
ސަރުކާރުގެ ތައުލީމީ ލޯނު ސްކީމްގެ ދަށުން، ދަރިވަރުންނަށް އެމީހުން އިހްތިޔާރުކުރާ ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބެއެވެ.
ނަމަވެސް، ލޯނު ދޫކުރުމުގައި އިސްކަންދެނީ ގައުމަށް އެންމެ ބޭނުންތެރި ދާއިރާތަކަށެވެ.
މިގޮތުން ރައީސްގެ ވައުދުތަކާ އެއްގޮތަށް، އިމާރާތްކުރުމާއި، މަދަނީ ވައިގެ ދަތުރުފަތުރާއި، ދަނޑުވެރިކަމުގެ ދާއިރާތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެވެއެވެ.

