ދިހަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތުގެ މަސައްކަތްތައް ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
އޭގެ ތެރެއިން ހަތަރު ރަށެއްގެ ހޮސްޕިޓަލާއި އެއް ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އިރު، ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއްގެ އައު އިމާރާތުގެ މަސައްކަތް ހަވާލު ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ.
އަދި ތިން ސިއްހީ މަރުކަޒެއްގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލު ކޮށްފައެވެ.
ރޭގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ށ. މިލަންދޫ ހޮސްޕިޓަލާއި ކ. ތުލުސްދޫ ހޮސްޕިޓަލާއި އއ. ރަސްދޫ ހޮސްޕިޓަލާއި ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އައު އިމާރާތުގެ އިތުރުން ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތެވެ.
އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲއެވެ.
އާރުޑީސީއާ ހަވާލުކުރީ ނ. ވެލިދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ އިތުރުން އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތެވެ.
ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲއެވެ.
ފެނަކައާ ހަވާލުކުރީ ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ގއ. ކޮނޑޭ ސިއްހީ މަރުކަޒުގެ އިތުރުން ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތެވެ.

