އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުން ކަމަށާއި، ސަދަގާތާއި ހަދިޔާއާއި އިހުލާސްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް އީދުގެ މަގްސަދުތަކުގެތެރޭގައި ހިމެނޭކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުތައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

އިލްމުވެރީން ވިދާޅުވާ ގޮތުގައި އީދުގެ އެންމެ މަތިވެރި މަގްސަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުސަތަށްޓަކައި މާތް ﷲއަށް ހަމްދުކުރުމާއި ޝުކުރުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް އިސްލާމީ އަހުވަންތަކަން ދިރުވައި، ސަދަގާތާއި ހަދިޔާއާއި އިހުލާސްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް އީދުގެ މަގްސަދުތަކުގެތެރޭގައި ހިމެނޭކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ހިތާބުގައި، ކޮންމެ މީހަކުވެސް ހާއްސަކޮށް، ރަމަޟާންމަހު އަމިއްލަ ނަފުސުގެ އިސްލާހަށް އެދި ﷲގެ ހަޟްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިސްލާހު ކުރުމަށް މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައިވެއެވެ.

އަދި އީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.

ހަމައެއާއެކު ސަރުކާރުންވެސް މަސައްކަތްކުރައްވާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހި ގައުމު ހެދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައިވެސް ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

އަދި ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ދުވަހާގުޅޭ ޝުއޫރުފާޅުކުރައްވައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

ރައީސްގެ މި ޕޯސްޓުގައިވެސް އެމަނިކުފާނުވަނީ ރޯދައިގެ މަތިވެރި އަޅުކަން ގަބޫލުކުރެއްވުން އެދި ހެޔޮ ދުއާ ތަކުރާރު ކުރައްވައި، ފިތުރު އީދުގެ ތަހްނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.