އީދު އަލިން ރާއްޖޭގެ 64 ރަށެއް ދިއްލާލައިފިއެވެ.
އީދު އަލި އިފްތިތާހު ކޮށްދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ފިތުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް ރޭ ދިއްލާލާފައި ވާއިރު، އީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ލައިޓްތައް ފޮނުވާފައިވެއެވެ.
އީދު އަލި ދިއްލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވީ އީދު އަލިން ރަށްތައް ދިއްލައިލާ، ތަކުބީރުގެ މަތިވެރި ކަލިމަ އިސްޕީކަރުތަކުގެ އަޑުން ޖައްވުގައި ގުގުމާލުމަކީ ރާއްޖޭގެ އިސްލާމީ ވަހުދަތު މަތިވެރި ކުރުމަށް ޓަކައި ކުރަންޖެހޭ ވަރަށް މުހިންމު ކަމެކެވެ.
އީދު އަލިން ރާއްޖެ ދިއްލުމަކީ ރާއްޖޭގެ އެތައް ބަޔަކު އެދެމުންދާ ކަމަކަށް ވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކުގެ އިތުރުން، އިތުރު 36 ރަށަކާއެކު، ޖުމްލަ 64 ރަށް މި ފަހަރު ދިއްލިގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި މި ރަށްތައް ދިއްލުމުގައި ސްޓެލްކޯގެ މުވައްޒަފުންނާއި، ފެނަކައާއި، ކައުންސިލްތަކާއި އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުން ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް އެ ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

