ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، 1446 ވަނަ އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، ހެޔޮކަމުން ފުރިގެންވި މި ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާން އައުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކޮށް، އޯގާތެރިކަމާއި ސަދަގާތުގެ ރިވެތި ސިފައާއި ގުޅިގެން އިސްލާމް ދީނުގައިވާ އުނގަންނައިދިނުންތަކާ މެދު ވިސްނާނެ ދުވަހަކަށް ވާނެ ކަމުގެ އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތައް ނިންމަވާލައްވަމުން، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް އިތުރު ފަހި ފުރުޞަތާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިއުމަތް، މާތް الله މިންވަރު ކުރެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެއެވެ.