ފިތުރު އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ބައްދަލުކުރައްވައި އީދު ސަލާމް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.

މުލީއާގޭގައި ބޭއްވެވި ޢީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ އިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާާން ކުރެއްވުމުގެ ތެރެއިން-

މިބޭފުޅުންގެ އިތުރުން، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި އާއިލާތައް އީދު ސަލާން ކުރުމަށްޓަކައި ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ.

 

އީދު ދުވަހާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އިންތިޒާމްކޮށްގެން ސަލްޓަން ޕާކު، ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަހައްދުގައި މިއަދު ހަވީރު ކުރިއަށްގެންދާ އީދު ހަވީރުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.