ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭންގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހުށައެޅުއްވުންތައް އާންމުކޮށް ހިއްސާކުރައްވައިފިއެވެ.

މިކަމާމެދު އެމަނިކުފާނުގެ ވިސްނުންފުޅު ގެންގުޅުއްވާގޮތް ރައްޔިތުންނާ ހިއްސާކުރައްވާފައިވަނީ، ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، މިކަމާ ގުޅޭ ކެބިނެޓް ކަރުދާހެއް، ދިރާސާ ކުރައްވައިގެން ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއާ ހަވާލުކުރައްވާފައިވާކަން ހާމަކުރެއްވިއެވެ.

އަދި އެ ކަރުދާސް ތައްޔާރުކުރުމުގައި މިކަމާގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި، އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެމަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު ހުށައަޅުއްވާ ގޮތްތަކަކީ

– 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

– 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

– 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ރައީސް ވަނީ މި ތިން ގޮތް ހުށައެޅުއްވުމުގެ ފަހަތުގައިވާ ސަބަބުވެސް ހާމަކުރައްވާފައެވެ.

އެގޮތުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.