ތެލެސީމިއާ ސެންޓަރު، ”އޮރެންޖު ހިޔާ“ އަށް ބަދަލު ކުރެވުމުން، ވަރަށް ރަނގަޅަށް ހިދުމަތް ދެވޭނެ ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ރައްޔިތުންނާއެކު ޕޮޑްކާސްޓް“ގައި އެމަނިކުފާނު ވިދާޅުވީ، ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

”މިހާރު ސިފައިން އެ ފެށީ، ހުޅުމާލޭގައި އޮރެންޖް ހިޔާ ބިލްޑިންގއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރަން ލިބުނު ފްލޯރ ހެދުމުގެ މަސައްކަތް. އާދެ، އަޅުގަނޑު ސިފައިންނަށް ދިން ޑެޑްލައިނަކީ އެއްމަސް ދުވަސް އިނގޭތޯ. ސިފައިންނަށް އަޅުގަނޑު ދެންނެވީ، ހުއްޓާނުލައި ރެޔާއި ދުވާލު މަސައްކަތް ކުރައްވާށޭ. ދެން ސިފައިންނަކީ ވަރަށް ހީވާގި ބައެއް. ވަރަށް ޑިސިޕްލިން، ހާޑްވާރކް ކުރައްވާ، ބުރަ މަސައްކަތް ކުރައްވާ ބައެއް. ދެން އަޅުގަނޑުވެސް ބެލިން، ކުރެހުންތަކާއި ހުރިހާ އެއްޗެއް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެތަނުގެ އިންޓީރިއަރވެސް ޑިޒައިން ކުރެވިފައި ވަނީ ކުޑަކުދިންނާއި، ހިތްގައިމުވާނެ ގޮތަށް ކަމަށާއި، އިންޓީރިއާ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ.

”އެހެންވީމާ، އިރާދަކުރެއްވިއްޔާ 30 އެޕްރީލަށް ނިންމާނެ އިނގޭތޯ. ސިފައިންގެ މަސައްކަތް ނިންމާނެ. ދެން މޭ މަހު 8، އެއީ، ދުނިޔޭގެ ތެލަސީމިއާ ދުވަސް. އެ ދުވަހަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާލޭގައި ހުރި މަރުކަޒު މިތަނަށް ބަދަލުކޮށް، އެ ދުވަހުގެ ކުރިން އިނގޭތޯ، ބަދަލުކޮށް، ވަރަށް ފަސޭހަކަމާއެކީގައި، މާއުނދަގުލެއް ކުދިންނަށްވެސް ދިމާނުވާގޮތަށް، ހަމަ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކުރުމުގެ ކަންތައްވެސް ރޭވިގެންދާނެ. ބަދަލުކުރެވި މިހާރަށްވުރެވެސް ރަނގަޅު ޚިދުމަތްތައް ލިބޭނެ. ވަސީލަތުގެ ގޮތުންވެސް.“ ރައީީސް އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އަލަށް ތަރައްގީ ކުރެވެމުން އަންނަ އޮރެންޖު ހިޔާގައި ޑީއެންއޭ  ޓެސްޓްކުރާނެ މެޝިންތައް ހޯދުމާއި، ސާމްޕަލްތައް ބަހައްޓާނެ ޖާގަވެސް އެ ތަނުގައި ވަރަށްބޮޑުވާނެ ކަމަށާއި އެތަނަށް އިތުރު ފްރިޖްތައް ހޯދުންފަދަ ކަންކަން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސީނިއަރ ފިޒިޝަނެއްވެސް މިހާރު ފުލްޓައިމްކޮށް މަސައްކަތް ކުރަން ފަށާފައިވާކަން ފާހަގަކުރައްވައި، އެއީވެސް ނުކުރެވި އެތައް ދުވަހެއް ވެފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.