ޕަޕުއާ ނިއު ގިނީއަށް އައި ބާރުގަދަ ބިންހެލުމަކާއެކު، ސުނާމީގެ އިންޒާރު ދީފިއެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ އިން ބުނީ، މިއީ 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި އައިސްފައިވާ ބިންހެލުމެއް ކަމަށެވެ.
10 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމާ ގުޅިގެން ސޮލޮމޮން އައިލެންޑްސް އަށް ވެސް ސުނާމީގެ އަސަރު ކޮށްފާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
ޕަޕުއާ ނިއު ގިނީގެ އަވަށެއް ކަމުގައިވާ ކިމްބޭއާއި ކާރި ހިސާބަކަށް އައި މި ބިންހެލުމާ ގުޅިގެން، 1 މީޓަރާއި 3 މީޓަރާ ދެމެދުގެ އުސްމިން ހުންނަ ސުނާމީގެ ރާޅުތައް، ޕަޕުއާ ނިއު ގިނީގެ އައްސޭރިއަށް އަރާފާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ފާއިތުވި ހަފްތާގައި އެކި ސަރަހައްދުތަކަށް ބިންހެލުންތައް އައިސްފައިވާއިރު، މާޗު މަހުގެ 28 ވަނަ ދުވަހު މިޔަންމާ އަށް 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ.

