އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންއަށް ދިވެހިރާއްޖެ ފުރަތަމަ ފަހަރަށް އިންތިހާބުވުމަކީ ލިބުނު ފަހުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ އަންހެނުންގެ ކުރިއެރުމާއި ހައްގުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގައި އަބަދުވެސް ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން އޮންނާނީ ތައްޔާރަށްކަމަށްވެސް ވިދާޅުވެފައެވެ.
އދ.ގެ އަންހެނުންގެ ތަރައްގީއަށް އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މި ޖަމްއިއްޔާއަކީ، އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ޖަމުއިއްޔާއެވެ.
އދ.ގެ މެމްބަރު 193 ގައުމުގައި އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ބާރުއަޅާ މި ޖަމުއިއްޔާގެ މެމްބަރުކަން ރާއްޖެއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
މިއީ ރާއްޖެއަށް ލިބިގެންދިޔަ ބޮޑު ފަހުރެއްކަން ފާހަގަކުރައްވައި، ރައީީސް ވިދާޅުވި ގޮތުގައި، މިވޭތުވެދިޔަ ތަނުގައި އަންހެނުން ބާރުވެރިކުރުވުމަށް ރާއްޖެއިން ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ.
ރާއްޖެ ”ޔޫއެން ވިމެން“ ގެ މެމްބަރަކަށް އިންތިހާބުވެފައިވަނީ 2026 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށެވެ.

