އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (ލިވަޕޫލް އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފެށި ފުޓުބޯޅަ މެޗު ބައްލަވާލެއްވިއެވެ.

އަދި، އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވިއެވެ.

ދިވެހި ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން ރައީސް އޮޅުންފިލުއްވިއެވެ.

އަދި، މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ އެދަރިވަރުންނަށް ދެއްވާފައެވެ.

ލިވަޕޫލް އެފްސީއާ އެކު ގާއިމުކުރި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފައެވެ.

ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ އަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ޕްރިމިއަރ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، ލިވަޕޫލް އެފްސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަގުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެއެވެ.